އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ”އޮންކޮލޮޖީ ނަރސަސް އެކްސެލެންސް (އޯ.އެން.އީ) ގެ ނަމުގައި ޕްރޮގްރާމެއް ލޯންޗުކޮށްފިއެވެ.
މި ޕްރޮގްރާމް ފައްޓަވާފައިވަނީ 17 އޭޕްރިލް 2025 ގައެވެ. މިއީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮންކޮލޮޖީ ނަރުހުންނަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. އެސްޓީއޯ އިން ބުނިގޮތުގައި އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނު ދީފައިވެއެވެ.
މި ޕްރޮގްރާމްގެ މަޤުޞަދަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރައްވާ މުހިއްމު ރޯލު ފާހަގަކުރައްވައި، އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ދިވެހިރާއްޖެ ތައްޔާރުކުރުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ދިވެހިރާއްޖޭގައި ކެންސަރ ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެންނެވެ.
އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގައި އެކުލެވިގެންވަނީ މައިގަނޑު 4 ސެޝަނެކެވެ. އެގޮތުން މިހާތަނަށް ނިމިފައިވާ ދެ ސެޝަނުގެ ތެރެއިން، އެންމެ ފުރަތަމަ ބޭއްވުނު ސެޝަންގައި 55 ނަރުހުން ބައިވެރިވެފައިވާއިރު، ދެވަނައަށް ބޭއްވުނު ސެޝަންގައި އިތުރު 4 ނަރުހުންނާއެކު، ޖުމްލަ 59 ނަރުހުން ވަނީ ބައިވެރިވެފައެވެ.

”އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި އެމީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމެވެ. ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. މި ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކުރައްވައި، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް.“ ޕްރޮގްރާމް އާ ގުޅޭގޮތުން ކެންސަރ ސޮސައިޓީގެ ރިޕްރެޒެންޓޭޓިވްއެއް ވިދާޅުވެފައިވެއެވެ.
އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުން ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.



