އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އިމިގްރޭޝަނުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ ފޭސް އެކެއްގެ ސަރަހައްދެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި ބޮޑީ ކެމެރާ ބޭނުންކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
މިއީ އިމިގްރޭޝަންގެ އޮފިސަރުން އޮޕަރޭޝަނެއްގައި ބޮޑީ ކެމެރާ ބޭނުންކުރި ފުރަތަަމަ ފަހަރެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



