ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އެ ކޯޕަރޭޝަނުގެ ހއ. އިހަވަންދޫ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވައިފިއެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ އެ ކޯޕަރޭޝަންގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ނޯތު ރީޖަންގެ ބައެއް ރަށްތަކުގައި އެ ކޯޕަރޭޝަނުން ހިންގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު އިހަވަންދޫ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައިވާކަމަށެވެ.
ނޯތު ރީޖަން ސަރަހައްދުގައި އާރްޑީސީން މި ވަގުތު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ތިން ރަށެއްގެ މަގުހެދުމުގެ މަޝްރޫޢު ހިމެނެއެވެ. އެގޮތުން މި ވަގުތު މަގު ހެދުމުގެ މަސައްކަތް ކުރެވެމުންދަނީ ހއ.ދިއްދޫ، ހއ. އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީގައެވެ.
އާރްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އެމްޑީ މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ، އަދި ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި އެ ކޯޕަރޭޝަނުން ހިންގަމުންދާ މަސައްކަތުގެ ތެރޭގައި ކުޅުދުއްފުށީ މަގުހެދުމާއި ދުވާރުހެދުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާރްޑީސީން ހިންގާ މަޝްރޫޢުގެ ދަށުން 15 މަގެއް ތަަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.



