ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްޤީކުރި 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވައިފިއެވެ.
އެތަން ހުޅުވައިދެއްވާފައި ވަނީ އެކަމަށްޓަކައި މިއަދު ހަވީރު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަލަށް ތަރައްޤީކުރި 14 އެނދުގެ އިމަޖެންސީ ރޫމުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު ރިސަސިޓޭޝަން ރޫމެއްވެސް ވަނީ ތަރައްޤީކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލަކީ ވެސް ގިނަ އަދަދެއްގެ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށްވުމާއެކު ޓާޝަރީ ހޮސްޕިޓަލެއް ގޮތުގައި ތަރައްޤީކޮށް ގިނަ ޚިދުމަތްތަަކަކާއެކު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމުގައި އޭރު ޚިދުމަތްދެމުން އައީ ހަތް އެނދުގައެވެ. އެއީ އެ ހޮސްޕިޓަލާ އެކަށީގެންވާ ވަރަށްވުރެ މަދު އަދަދަކަށްވާތީ ސަރުކާރުން ވަނީ ހަތް އެނދުން 14 އެނދުގެ އީއާރްއަކަށް ބަދަލުކުރުމަށް އެ ތަން ތަރައްޤީކުރަން ފަށާފައެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރަން މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން އެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިންގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސައްކަތެކެވެ.




