ރާއްޖެއާއި ސިންގަޕޫރާއި ދެމެދު ތަޢުލީމީ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވަނީ ސިންގަޕޯއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ސޫ ކޮކް ލެންގް އާއެކު މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުވުމުގައި، ރާއްޖެއާއި ސިންގަޕޯ އާއި ދެމެދުގައި ޤާއިމުވެފައިވާ ތަޢުލީމީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ދެ ޤައުމުގެ ދަރިވަރުންނަށް ލިބެމުންދާ ތަޢުލީމީ ފުރުސަތުތައް ފުޅާކުރުމާއި، މުދައްރިސުންގެ ފެންވަރު މަތިކުރުމަށް ހިންގޭ ތަމްރީނު ޕްރޮގްރާމްތައް އިތުރުކުރުމާއި ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަފީޢު ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީ ކުރުމަށް ސިންގަޕޯއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.


