ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލް އިމާރާތެއް ގާއިމް ކުރުމަށް ޕްލޭންތައް ކުރިއަށްދާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީ ކުރި 14 އެނދުގެ އެމާޖެންސީ ރޫމް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުންނެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ ދުރު ރާސްތާ ޕްލޭންގެ ދަށުން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ޕްލޭން ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުންވެސް ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެ ހޮސްޕިޓަލްގެ އެނދުގެ ދަތިކަން ހައްލުކުރުމުގެގޮތުން 28 އެނދުގެ ވޯޑެއް ޤާއިމްކުރުމަށްވެސް ޕްލޭންކޮށްފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ހުޅުމާލެ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފަށާނެ ކަމަށް އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވަނީ ވިދާޅުވެފައެވެ.




