އިންޑިއާ އެކު ރާއްޖެއިން ބާއްވާ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއެވެ.
މިއަދު ބޭއްވުނު ހައިލެވަލް ކޯ ގުރޫޕް ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ބޭފުޅުން ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ.
އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ،ފިނޭންސް މިނިސްޓްރީ، އަދި ހޯމް މިނިސްޓްރީ ހިމެނެއެވެ.
މިހައިލެވެލް ކޯ ގްރޫޕުގެ ބައްދަލުވުން ތަކަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމު ދެމެދު އެކުލަވާލެވުނު ތަޞައްވަރު، ’އަ ވިޝަން ފޮރ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާރޓްނަރޝިޕް‘ ގެ ތެރެއިން އުފެދިފައިވާ އަދި މި ތަޞައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ މަޝްވަރާ ބައްދަލުވުން ތަކެކެވެ.
މި ގޮތުން، ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައި ކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް، ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިޤްތިޞާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ނިންމާފައި ވެއެވެ.



