ހުޅުމާލެ ހޮސްޕިޓަލްގެ އިމަޖެންސީ ޚިދުމަތްތައް ފުޅާކުރެވުމަކީ ސިއްހީ ނިޒާމް ހަރުދާނާކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ އިމާޖެންސީ ޚިދުމަތް ފުޅާކުރުމުގެ ޕްރޮޖެކްޓް އިފްތިތާހުކުރެވިގެންދިޔުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މިނިސްޓަރު ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގެ އިމަރޖެންސީ ސަރވިސް ފުޅާކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވާ ކަމަށެވެ.
”މި އަޕްގްރޭޑް ކުރެވިފައިވާ ފެސިލިޓީއަކީ، ހޮސްޕިޓަލުގެ އިމަރޖެންސީ ކެޕޭސިޓީ ދެގުނަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަވަސް އަދި މިހާރަށްވުރެ ހަރުދަނާ ފަރުވާއެއް ފޯރުކޮށްދީ، ޞިއްޙީ ޚިދުމަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް“ ޒަމީރު ވިދާޅުވެފައި ވެއެވެ.
ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގައި އެ މަޝްރޫޢު ނިންމާ މިއަދު ވަނީ އިފްތިތާހުކޮށްފައެވެ.
މި ސަރުކާރުން އަންނަނީ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.




