ސިންގަޕޫރާއި ރާއްޖެއާ ދެމެދު ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ސިންގަޕޫރުން ދިވެހިރާއްޖެއަަށް ކަނޑައަަޅާފައި ހުންނަވާ ނޮން ރެޒިޑެންޓް ސަފީރު ސޫ ކޮކް ލެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްއާއި ހައިކޮމިޝަނަރު ވަނީ މަތީ ތައުލީމާއި ސިއްހީ ފަރުވާއާއި ފަތުރުވެރިކަން ހިމެނޭ ގޮތަށް ގިނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރައްވާފައެވެ.
އަދި އިތުރު އެހެން ދާއިރާތަކުންވެސް ދެ ގައުމުގެ މެދުގައި އެކީ މަސައްކަތްކުރުން އިތުރުކުރުމާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަައިވެއެވެ.
ރައީސް ވަނީ ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާގައި ސިންގަޕޫރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ހިތްވަރު ދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މިގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖެއަށް ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަކުރައްވައި، ރައީސް ވަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ތިމާވެށްޓާ ރައްޓެހި ސިޓީއެއް ތަރައްގީ ކުރުމުގެ ޕްލޭންތައް ސިންގަޕޫރު ސަަފީރާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ޑިޕްލޮމެޓިކް ގުޅުންތައް ހަރުދަނާކުރުމާއި ދެފަރާތުގެ މަސްލަހަތު ހުރި ކަންކަމުގައި ސްޓްރެޓެޖިކް އެއްބާރުލުން ބަދަހިކުރުމަށް އެއްބަސްވެ ވަޑައިގަންނަވަމުންނެވެ.




