ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޗައިނާއިން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.
އެ ޔަޤީންކަން ދެއްވާފައި ވަނީ ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސްވެރިކަން ތަރައްޤީކުރުމާއި އެ މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށް ޗައިނާއިން އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، ސަފީރު ކޮންގް ޝިންހުއާގެ ހަރުދަނާ ލީޑަރޝިޕްގެ ސަބަބުން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމުވެފައިވާ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާކަމަށެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ސަފީރު ކޮންގް ޝިންހުއާ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޗައިނާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަވަހަށް ތަންފީޒުކުރުމުން ޗައިނާގެ ބާޒާރުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު މިހާރަށްވުރެފުޅާވެގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.



