ދުފަން ބޭނުން ކުރާ އެއްވެސް ބާވަތެއް މާލެ ސިޓީ ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރަން އެ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ގޮތަށް ނިންމީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހުށަހެޅުމަކާ ގުޅިގެން، މިއަދު ބޭއްވި، އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 196 ވަނަ ޢާންމު ޖަލްސާގައި ކުރެވުނު މަޝްވަރާއަށް ފަހު ކަމަށެވެ.
މިކަމާ ގުޅިގެން ކުރެވުނު މަޝްވާރާގައި ވާހަކަ ދައްކަވަމުން، މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ އެއްވެސް ހަފުލާއެއްގައި ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ބޭނުން ނުކުރާނެ ކަމަށެވެ.
އެ މަޝްވަރާގައި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ބަލާއިރު ދުފުމަކީ ވެސް ގެއްލުން ހުރި ކަމެއް ކަމަށެވެ.
“ ދުނިޔޭގެ ޞިއްޙީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދުގެ މަތިން، އެންމެންގެ ރައްކަލަކަށް ޓަކައި، ދުފުމަށް ބޭނުން ކުރާ އެއްވެސް ބާވަތެއް ކައުންސިލްގެ ހަފްލާތަކުގައި ބޭނުން ނުކުރުމަށް ތާއީދު“ އޭނާ ވިދާޅުވެފައި ވެއެވެ.
ޑެޕިއުޓީ މޭޔަރ މުހައްމަދު އަރީޝްގެ އިތުރުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ ގިނަ މެމްބަރުން ވަނީ މި ކަމަށް ތާއީދު ކުރައްވާފައެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އާސަންދައިން ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށެވެ.
އެހެންކަމުން ކެންސަރަކީ ޞިއްޙީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، އިޤުތިޞާދީގޮތުން ވެސް ގިނަ ފައިސާތަކެއް ޚަރަދުކުރަން ޖެހޭ ކަމަކަށް ވާތީ މި ކަން ހުއްޓުވުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކެންސަރ ސޮސައިޓީން އެދިފައިވާ ގޮތަށް، މީގެ ފަހުން މާލެ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް ބާވަތެއްގެ އެއް ވެސް ޙަފުލާއެއްގައި ދުފުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ނުބަހައްޓާނެ ކަމަށެވެ.



