ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮށްދިނުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރި ނެޝަނަލް ކެރިއަރ ސާރވިސް ރީޖަނަލް ހދ. ބްރާންޗް ހުޅުއްވައިދެއްވާ ވާހަކަދައްވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނޭޝަނަލް ކެރިއަރ ސާރވިސް ހދ. ރީޖަނަލް ސެންޓަރ އަކީ މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާގެ ހިޔާރުކުރުމުގައި އެހީތެރިވެދޭނޭ ތަނަކަށްވާނެ ކަމަށެވެ.
އަދި ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރު އިތުރަށް ހަރުދަނާކުރުމަށް ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.
”ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާގެ ފުރުސަތު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައި ދިނުމަކީ މުހިންމު ކަމެއް“ މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކެރިއަރ ސެންޓަރުތަކުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ހުރި ވަޒީފާގެ ފުރުސަތުތަކާއި މައުލޫމާތު ފޯރުކޮށްދިނުމާއި ވަޒީފާ ހޯދާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތްތަކުގެ ހުނަރު ދަސްކޮށްދީ ވަޒީފާތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތުތައް ބޭނުންކުރުމުގައި އެ ސެންޓަރުތަކުން އެހީތެރިވެދޭނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވަޒީފާ ބޭނުންވާ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމަށާއި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގައި ފުރިހަމަ މައުލޫމާތު ލިބި ކުރިއަށް ދިއުމަށް މަގުފަހި ކޮށްދެމުން ކަމަށް މިނިސްޓަރު ޑރ. ހައިދަރު ވިދާޅުވިއެވެ.



