ބޮޑެތި ކުށްތަކުގައި ވާނުވާ ބަންދުގައި ތިބި މީހުންނަށް ލުއި ދޭން ހަމަޖެހިފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ބުނީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް، ޓެގް އެޅުވުމަށްފަހު، ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ، އެ މީހުން މޮނިޓަރ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް ކަަމަށެވެ.
އަދި އެ އެސެސްމަންޓުތައް އެ އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.
އިއްޔެގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި 2 މީހެއްގެ ބަންދަށް، މޮނިޓަރިންގ ނިޒާމުގެ ތެރެއިން ލުއިދީފައިވާނެ ކަމަށާއި އިތުރު 5 މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
”މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ އިލެކްޓްރޯނިކް މޮނިޓަރިންގ ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ހަމައެހެންމެ އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.
”ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވޭ“ ޕީޖީ އޮފީހުން ބުނެފައި ވެއެވެ.
ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ.



