ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބު މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން މަޢލޫމާތު ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު މުއްޠަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ މީހުންގެ ތެރޭގައި މިހާރުވެސް ފްލެޓާއި ގޯތި އޮތް އެތައް ބަޔަކާއި ދެމަފިރީންްވެސް ހިމެނޭ ކަމަށެވެ.
އެގޮތުން އެ ލިސްޓުގައި ހިމެނޭ 302 ފަރާތަކަށް މިހާރުވެސް މާލެއިން ބޯހިޔާވަހިކަމުގެ ގޮތުގައި ފްލެޓް ލިބިފައިވާ ކަމަށާއި ފްލެޓް ލިބޭނީ މާލޭގައި އޮތް ބިން ސަރުކާރާ ހަވާލުކުރުމުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު 305 ފަރާތަަކަށް ފްލެޓް ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބުނު ލިސްޓުގައި ހިމެނޭ 391 ފަރާތަކީ ދެމަފިރިންނަށް ފްލެޓް ލިބިފައިވާ ފަރާތްތައް ކަމަށާއި އޭގެތެރެއިން ލިބޭނީ އެއް ފަރާތަކަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”ސަރުކާރުގެ ސިޔާސަތަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ދިނުން، އެހެން ކަމުން ދެމަފިރީންނަށް ފްލެޓް ލިބިފައިވާނަމަ އެކަކު ފްލެޓް ދޫކޮށްލަން ޖެހޭނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ގޯއްޗާއި ފްލެޓް އޮތް މީހަކަށް އަލުން ފްލެޓް ލިބުމަކީ އިންސާފެއް ނޫން ކަމަށްވެސް މިނިސްޓަރު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުއްޠަލިބު ވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަޅަން ފަށާފައިވާ ހުރިހާ ފްލެޓްތަކުގެ މަސައްކަތް އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަންވެސް ހާމަކުރައްވާފައެވެ.



