ކުރިއަށް އޮތް އަޟްހާ ޢިދުގެ މުނާސަބަތުގައި ބަންދުކުރާ ދުވަސްތަކުގެ ތެރޭގައި އެހަފްތާގެ ރަސްމީ 3 ދުވަސް ހިމެނުމަކީ ޒިންމާދާރު ގޮތެއް ނޫންކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގެ 7 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަޟްޙާ ޢިދާ ދިމާކޮށް އެ ހަފްތާގެ 3 ދުވަސް ބަންދުވާނެކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދު ކުރައްވާކަމަށެވެ.
އަދި މީގެ ކުރިން ޢީދުފަދަ މުނާސަބާތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ 1 ނުވަތަ 2 ދުވަސް ބަންދުކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރަސްމީ ދުވަސްތަކުގެ 3 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ހަމަޖެއްސެވުމަކީ އެންމެ ރަނގަޅުގޮތެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދިމާވަނީ މި ފެށޭ ޖޫން މަހުގެ 6 ވަނަ ދުވަހާއެވެ. އަދި އަޟްޙާ ޢީދާއި ގުޅިގެން ބަންދުވާނީ ކަލަންޑަރުގައިވާ ދުވަސްތައް އެކަންޏެވެ.



