މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފަހު ފްލައިޓްގައި 250 ހައްޖުވެރިން ފުރައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޙައްޖުވެރިންގެ ފަހު ގުރޫޕް މިއަދު ފުރާފައި ވަނީ 15:20 ހާއިރު ސަޢުދީ އެއާލައިންގައި ކަމަށެވެ. އަދި އެ ފްލައިޓުގައި 250 މީހުން ފުރާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ބޯޓު ސައުދީގައި ޖައްސާނެ ކަމަށް ބެެލެވެނީ ރާއްޖެ ގަޑިން މިރޭ 20:49 ގައެވެ.
އެހެނިހެން އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ.
ދިވެހި ޙައްޖުވެރިން މި ފަހަރު މައްކާއަށް ފުރަނީ، މައްކާ އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 1،000 ކޯޓާއެވެ.



