ރާއްޖޭގައި ސްކައުޓް ހަރަކާތް ފުޅާކުރަން ސަރުކާރުން އުމްރާނީ ވަސީލަތާއި މާލީ އެހީދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޗީފް ސްކައުޓަށް ވޯލްޑް ސްކައުޓް ބެޖް ހަވާލުކުރެއްވުމާއި، ’ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް‘ އެވޯޑް ދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފެއްޓެވީ އެ މަނިކުފާނުގެ ސްކޫލް ދައުރުގައި ސްކައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ހަރަކާތުން އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާކުރައްވަމުންނެވެ.
އެގޮތުން ސްކައުޓް އެސޯސިއޭޝަނާއި ސްކައުޓް ހަރަކާތުގައި އުޅޭ ވޮލަންޓިއަރ ހުރިހާ ބޭފުޅުން، އަދި ޖުމްލަކޮށް ސްކައުޓް އާއިލާއަށް ބޭނުންވާ ކަންކަމުގައި މި ވޭތުވެދިޔަތަނުގައި ސްކައުޓް ހަރަކާތަށް ދިމާވި އެކި ކަހަލަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
”ވަންނާނެ އިމާރާތެއް ނެތި އެކި ކަހަލަ ބާވެފައި ހުރި އިމާރާތްތަކުން، އެއްތަނުން އަނެއްތަނަށް ބަދަލުވާން ޖެހުމަކީ އެކަން ވެގެންވާންޖެހޭނެ ގޮތް ނޫން“ ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިދިޔަ ފަސްދޮޅަސް ނުވަ އަހަރުގެ ތެރޭގައި ސްކައުޓް ހަރަކާތް ހިންގިއިރު، ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް މުޖުތަމަޢަށް ސްކައުޓް ހަރަކާތުގެ ތެރެއިން ހޯދައިދެވިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން ކުދި ކަންކަމުން ފެށިގެންގޮސް، ބޮޑެތި ޤައުމީ ކާރިސާތަކުގައިވެސް ސްކައުޓް ހަރަކާތަކީ ރާއްޖޭގައި ޔަޤީނުންވެސް ވަރަށް ބޮޑަށް ޝާމިލުވެފައިވާ، އެހީތެރިކަންދީފައިވާ އަދި ދެމުންވެސްދާ ހަރަކާތެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ވަރލްޑް ސްކައުޓް ބެޖް އެރުވީ އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ނަޡީފެވެ.
މި ރަސްމިއްޔާތުގައި ސްކައުޓް ކައުންސިލްގެ އަށް މެންބަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވައި، ”ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް“ އެވޯޑް 7 ސްކައުޓަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.



