އިމިގްރޭޝަން އޮފިސަރ ޓްރެއިނީގެ މަޤާމަށް މީހުން ހޯދުމަށް ފުރަތަމަ ފަހަރަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު، އިންޓަވިއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އިމްތިހާނު 549 މީހަކު ފުރިހަމަކޮށްފިއެވެ.
އިމިގްރޭޝަނުން އޮފިސަރ ޓްރެއިނީގެ މަޤާމަށް ހޯދަން އިއުލާނުކޮށްފައި ވަނީ 50 މީހުނެވެ.
އިމިގްރޭޝަނުން މިރޭ ކުރި ޕޯސްޓެއްގައި ބުނީ އެ މަޤާމަށް މީހުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުތަކަށް ފަހު އިމްތިހާނު ކުރިއަށް ގެންދިޔައީ މި މަހުގެ 28 އަދި 29 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އިމްތިހާނުގައި ބައިވެރިވެފައި ވަނީ 549 ފަރާތުން ކަމަށާއި ޖުމްލަ މާކުހާއެކު އެންމެ މަތިން މާކްސް ލިބުނު 50 ފަރާތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ މި އިމްތިހާނުގެ އިންތިޒާމުތައް ބައްލަވާލެއްވުމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން ވަޑައިގެންފައިވާ ކަމަށެވެ.
އިމިގްރޭޝަނުގެ ޕޯސްޓުގައި ވަނީ މި މަސައްކަތުގައި އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކޮށް އިމްތިހާނުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ކާމިޔާބަށް އެދިފައެވެ.



