ބޮޑެތި މާކެޓުތަކުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ސަމާރ ޓްރެވަލްއަށް ޚާއްސަކޮށް، ސަމާރ ސޭލް ކެމްޕެއިންތަކެއް ފަށައިފިއެވެ.
އެމްއެމްޕީއާރުސީ އާއި ލިވަޕޫލް ފުޓްބޯޅަ ކުލަބް(އެލްއެފްސީ) އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އެލްއެފްސީގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ކަނޑައަޅާފައި ވާތީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރަށް މަގުބޫލްކަން ލިބޭނެ ކަމަށް އެމްްއެމްޕީއާރްސީން ހާމަކުރެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ބާރު އެޅުމަކީ ވެސް އެލްއެފްސީއާ އެކު ސޮއިކުރި އެއްބަސްވުމުގެ މައިގަނޑު އެއް އަމާޒު ކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.
އެމްއެމްޕީއާރްސީން ބުނީ މި ކެމްޕެއިންތަކުގެ މަޤްސަދަކީ ރާއްޖޭގެ ބްރޭންޑު ވިޒިބިލިޓީ އިތުރުކުރުމާއި ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކޮށް އާ މާކެޓްތަކަށް ފަތުރުވެރިކަން ފުޅާކުރުން ކަމަށެވެ.
އެމްއެމްޕީއާރުސީން އެންމެ އިސްކަންދެނީ އިނގިރޭސި ވިލާތުގައި މި ކެމްޕެއިންތައް ފެށުމަށް ކަމަށާއި އެގޮތުން، އެ ގައުމުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ޓެކްސީ އެޑް ކެމްޕެއިނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެފައި ވެއެވެ.
އަދި އިނގިރޭސި ވިލާތުގައި ރާއްޖެއަކީ އެންމެ ދާން ބޭނުންވާ ފަތުރުވެރިކަމުގެ މަންޒިލްކަމަށް އިޝްތިހާރުކޮށް ޓެކްސީއެޑް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.
އެމްއެމްޕީއާރްސީން އިތުރަށް ހިންގަން ހަމަޖެހިފައިވާ ކެމްޕޭންތަކުގެ ތެރޭގައި ރަޝިޔާ އަދި ސީއައިއެސްގައި ވިޒިޓް މޯލްޑިވްސް އިން ޕީއޭސީ ގްރޫޕާއެކު ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕޭނެއް ހިމެނޭ ކަމަށާއި އެ ކެމްޕޭންގެ ތެރޭގައި ޕާސަނަލައިޒްޑް ސާވިސް އާއި ޓޮޕް ކޮލިޓީ ތަޖުރިބާތަކާއެކު ރަޝިޔާގެ ފަތުރުވެރިންނަށް ރާއްޖެ ދައްކާލާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
އަދި ރިސޯޓް ލައިފްއާ ގުޅިގެން ރާއްޖޭގެ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާތައް ދައްކުވައިދޭ ޓާގެޓެޑް ކެމްޕެއިންތައް ހިންގަމުން އަންނަ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
އެމްއެމްޕީއާރްސީން ބުނީ ބީ2ބީ އަދި ބީ2ސީ އޯޑިއެންސަށް އަމާޒުކޮށްގެން ޖަރުމަނުގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ކެމްޕެއިނެއް ފަށާފައިވާ ކަމަށާއި އިޓަލީގައި ޖޮއިންޓް ޕްރޮމޯޝަނަލް ކެމްޕެއިނެއް އަދި ޖަރުމަނުގައި ރާއްޖެއަށް ބުކިން އިތުކުރުމުގެ މަގުސަދުގައި ކެމްޕެއިނެއް ހިންގަމުން އަންނަ ކަމަށެވެ.
ޕޮލެންޑުގައި ވިޒިބިލިޓީ އިތުރުކުރުމަށް ކެމްޕެއިނެއް ފަށަން ނިންމާފައިވާކަމަށާއި ސްޕެއިން އާއި ސްޕެނިޝް ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ޓްރެވެލް+ލެޝާ އާއި އެކު ޑިޖިޓަލް އަދި ޕްރިންޓް ކޯލާބްރޭޝަނެއް ޝެޑިއުލްކޮށްފައިވާ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
ހޫނު މޫސުމުގެ ބުކިންތައް އިތުރުކުރުމުގެ ގޮތުން އިންޑިއާގެ މާކެޓަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި ޑިޖިޓަލް އެކްޓިވޭޝަންތަކާއި ޕްރޮމޯޝަންތަކާއި ޓްރޭޑް އެންގޭޖްމަންޓް ހިމެނޭ ގޮތަށް ޓީބީއޯ، މޭކްމައިޓްރިޕް އަދި ޕިކްޔޯޓްރެއިލް ފަދަ ބޮޑެތި ޕާޓްނަރުންނާއި ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭންތައް ހިމެނޭ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
މީގެ އިތުރުން އޭ ލިސްޓުގެ ސެލެބްރިޓީއަކާއެކު އެންޑޯސްމަންޓަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް މަޝްހޫރ ޑައިރެކްޓަރ ފަރ ޚާން އާއެކު ހާއްސަ ޕާޓްނާޝިޕެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން ހާމަކުރެއެވެ.
އެމްއެމްޕީއާރްސީން ބުނީ މި ކެންޕޭނަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހާއްސަ ސަމާ ސޭލް ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޕީކް ޓްރެވަލް ޕީރިއަޑްގައި ޗުއްޓީ ބުކިންތަކަށް ހެދުމަށް ހިތްވަރު ދީ ހާއްސަ އޮފާތަކެއް ވެސް އޮންނާނެ ކަމަށެވެ.
އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އެސްޕިރޭޝަނަލް ޓްރެވަލް ކޮންޓެންޓް ޕްރޮމޯޓްކޮށް މުހިންމު މާކެޓްތަކަށް އަމާޒުކޮށްގެން އިންފްލުއެންސަރުން ވެސް ހަރަކާތްތެރިވާނެ ކަމަށް ކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.
މި ކެންޕޭނާ ގުޅިގެން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މިއީ ރާއްޖޭގެ ޕްރެޒެންސް އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރިއަށްދާ ކެމްޕެއިންތަކެއް ކަމަށެވެ.
މިގޮތުން މި ކެމްޕޭނާ އެކު ރާއްޖެއަށް މި ދުވަސްކޮޅު އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ދިގު މުއްދަތެއްގެ ކުރިއެރުން ހޯދުމަށް ލިބޭ ފުރުސަތު ވަރަށް ބޮޑު ކަމަށާއި މި ހަރަކާތްތަކީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި ރާއްޖޭގެ ހޫނު މޫސުމުގެ ހުށަހެޅުންތައް ދައްކާލައި، ފިނި މޫސުމަށް އަވަހަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.



