ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓުގެ ޓެރިފް ރޭޓް ކުޑަކުރުމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރަން ނުކެރުނު ކަމެއް ކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އެކަން ކޮށްދެއްވާފަ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ގޭބިސީތަކަށް ކަރަންޓު ރޭޓުގެ އަގު މާދަމާއިން ފެށިގެން، ބޮޑުތަނުން އަގުހެޔޮ ކުރައްވަން ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިއުލާނު ކުރެއްވީ ރޭގައެވެ.
އެކަމާ ގުޅިގެން ފަހުމީ ”އެކްސް“ މެދުވެރިކޮށް ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހި ރައްޔިތުންނަށް ފެނި މިދަނީ ކަށަވަރުވަމުން ކަމަށެވެ.
”ކުރީގެ އެއްވެސް ސަރުކާރަކުން ކުރަން ކެރިފައިނުވާ ކަމެއް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ކުރައްވައި، އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ. ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނެސް، އަގު ދަށްކޮށް އިއުލާނުކުރެއްވި ކަމަށްޓަކައި، އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، މަރުޙަބާއާއި ޝުކުރު ދަންނަވަން“ ފަހުމީ ވިދާޅުވެފައިވެއެވެ.
ރައީސް ކަނޑައެޅުއްވި ރޭޓުތައް:
° ބޭންޑް 0 – 100: މިހާރުގެ ރޭޓް 1.50، އައު ރޭޓް 1.25 (ޑިސްކައުންޓް %17)
° ބޭންޑް 101 – 200: މިހާރުގެ ރޭޓް 1.70، އައު ރޭޓް 1.50 (ޑިސްކައުންޓް %12)
° ބޭންޑް 201 – 300: މިހާރުގެ ރޭޓް 2.15، އައު ރޭޓް 1.50 (ޑިސްކައުންޓް %30)
° ބޭންޑް 301 – 400: މިހާރުގެ ރޭޓް 2.50، އައު ރޭޓް 1.50 (ޑިސްކައުންޓް %40)
° ބޭންޑް 401 – 500: މިހާރުގެ ރޭޓް 2.95، އައު ރޭޓް 2.66 (ޑިސްކައުންޓް %10)
° ބޭންޑް 501 – 600: މިހާރުގެ ރޭޓް 3.55، އައު ރޭޓް 3.20 (ޑިސްކައުންޓް %10)
° ބޭންޑް +600: މިހާރުގެ ރޭޓް 4.25، އައު ރޭޓް 3.83 (ޑިސްކައުންޓް %10)
ރައީސް މުޢިއްޒު ކަނޑައަޅުއްވާފައި މިވާ އައު ރޭޓުތަކާއެކު، ސްޓެލްކޯއާއި ފެނަކައިން ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެއެވެ.



