މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް މިދިޔަ އެޕްރީލް މަހުގެ 18ވަނަ ދުވަހު ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ހާދިސާގެ އިންކުއަރީ ރިޕޯޓު ދެ ހަފުތާތެރޭ ރައީސްއާ ހިއްސާކުރަން ނިންމާފައިވާ ކަމަށް މިއަދު އެ ކޮމިޝަނުން ބުނެފިއެވެ.
މިކަަމަށް އިޝާރާތްކޮށް މިއަދު އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މަސައްކަތް މިހާރު ނިމެން ގާތްވެފައިވާ ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާއެއް ތެރޭ ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކުރާ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާއި ހިއްސާ ކުރެވޭނެކަމަށް މެންބަރުން އުންމީދުކުރާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ހ. މިޓާޒްގޭ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ގަރާރަކުން އެކުލަވައިލީ އޭޕްރީލް 27، 2025ގައެވެ.
އެ ކޮމިޝަން އުފެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް އެ ކޮމިޝަން ދެމިއޮންނާނެ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ހާއްސަ ކޮމިޝަންގެ މެމްބަރުން:
ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް، ހ. ހަބަރުގެ




