ފާއިތުވި ދެ ހަފްތާ ތެރޭގައި ސްކޭމްކޮށްގެން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 18 އިން 30އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
އެގޮތުން މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ވަނީ ލިބިފައެވެ.
އޭގެ ތެރެއިން 147,132.00ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 8 މައްސަލައިގައި ޖުމްލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފައިވާއިރު 3 މައްސަލައެއްގައި އެކިމިންވަރަށް ވަނީ ފައިސާ ހޯދިފައެވެ.



