ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފިއެވެ.
މިއަދު މެންދުރު 12:30 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައެއްގައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
މިކަމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) އިން ދެންމެ ބުނީ މިއަދު މެންދުރު ފަހު 2:05 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ވަގުތުވެސް އެމްއޭސީއެލްގެ ބެކަޕް ޕަވަރ ސަޕްލައިގެ އެހީގައި އެއާޕޯޓުގެ ހުރިހާ ކްރިޓިކަލް އޮޕަރޭޝަންތައް ވެސް ދިޔައީ މެދުނުކެނޑި ހިންގަމުން ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތާނގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑިއްޖެނަމަ އެއަރޕޯޓުގެ ޚިދުމަތަށް ބުރޫނާރާނެހެން އިތުރު ކުރިއެރުންތަކެއް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.




