ސްރީލަންކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބަހަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނީ މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކޮށްފައިވާ ގަސްތަކެއް ކަމަށެވެ.
އެގޮތުން މި ގަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ލިބުމާއިއެކީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި އިންދުމަށް ހައިވަކަރު ގަސް ފޮނުވާފައިވާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި މިހާރު ކުރިއަށް ދަނީ ހައިވަކަރު ގަސްތައް ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރި ރިސޯތުތަކަށް ގަސްބެހުމުގެ މަސަައްކަތް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން ރިސޯޓުތަކަށް 2 ހައިވަކަރު ގަސް ހަދިޔާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވާ، ގަސް އިންދުމުގެ އެކި ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކޮންމެ އަތޮޅެއްގެ އެއް ރަށެއްގައި 5 މިލިއަން ގަސް އިންދުމުގެ ޙަރަކާތް ޕްރޮމޯޓު ކުރުމަށް ބެނަރއެއްވެސް ފޮނުވާފައިވާ ކަމަށެވެ.
ހަމަ މިއާއިއެކީ، މ އަތޮޅާއި، ރ އަތޮޅު އަދި ށ އަތޮޅުގައި މި ހިނގާ ޖޫން މަސްތެރޭ ގަސް އިންދުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މި ސަރުކާރުގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިހާތަނަށް 565000ގަސް އިންދާފައިވެއެވެ.



