ޖާހު އިންވެސްޓްމަންޓް އިން ހުޅުމާލޭގައި ހަދަންފެށި އެޕާޓްމަންޓްތައް“ދަ ގާޑަންސް“ ޕްރޮޖެކްޓް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފި އެވެ.
ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެެއް ނުވެއެވެ
ޖާހު ކުންފުނިން ދަ ގާޑަންސް އެޕާޓްމަންޓުގެ މަސައްކަތްތައް 2017 ވަނަ އަހަރު ފެށީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް 8 އަހަރުވެގެންދާއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.
އެހެންކަމުން ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެޗްޑީސީން ޖާހުއަށް އިތުރުކޮށްދެވުނު މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، އެ ކޯޕަރޭޝަނާއި ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން 16 މާރިޗު 2025 ގައި އެޗްޑީސީން ވަނީ ބާތިލުކޮށްފައެވެ.
އެޗްޑީސީން އޭރު ބުނީ އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ހިފާފައިވާ ފަރާތްތަކާއެކު ހިއްސާކުރާނެ ކަމަށެވެ.
އަދި އެ ފިޔަވަޅު އަޅާފައި ވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަމަށް އެޗްޑީސީން އޭރު ބުނެފައި ވެއެވެ.



