ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމްކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކެކެވެ.
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މުއައްސަސާ އަދި ވެމްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިވިސްމާޢީލް ނަވީނެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
މި އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށީހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ މުހިންމު މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާއީ ގުޅުން ބަދަހިވެގެންދާނެ ކަމަށް ފުލުހުން ހާމަކުރެއެވެ.



