ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި އެލައިޑު އިންޝުއަރެންސް ހިމެނޭހެން ތިން ކުންފުންޏަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ “ރައްކާ ކެމްޕެއިން“ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ތިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީިސީ) އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒް އެވެ.
އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ނަސްރަތު މުޙައްމަދު އެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިންވެންޝަނުން 2025 ވަނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ކެމްޕެއިން’ރައްކާ‘ ގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެ ތިން ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި ރަސްމިއްޔާތުގައި، މާލެ ޕޮލިސްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި ރޯޑް ޕޮލިސް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓް ގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު އާއި އެ ތިން ކުންފުނީގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.



