ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.
ހަމީދު އާއި ސަލީމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޓީގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް އެ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވީ އެ މަގާމުގައި ކުރިން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ހުސްވެފައިވާ އެ ދެ ފަނޑިޔާރުންގެ މަޤާމަށް ހުޅުވާލުމުން ޖުމްލަ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން އެންމެ މަތިން މާކްސް ދެއްވާފައި ވަނީ ފަނޑިޔާރު ސަލީމާއި އަބްދުﷲ ހަމީދަށެވެ.



