ފުޓުބޯޅަ ރެފްރީން ތަމްރީނުކުރަން ފޮނަދޫގައި ކުރިއަށްގެންދިޔަ ލައިސެންސް ކޯޗިން ކޯސް ނިންމާލައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ ލ.ފޮނަދޫގައި ކުރިއަށް ގެންދިޔަ އޭއެފްސީ ”ސީ“ ލައިސެންސް ކޯޗިން ކޯސް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ.
މިއީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް، ކުރިއެރުވުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މެއި މަހުގެ 19 އިން 30 އަށެވެ.
މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި، ލ.ފޮނަދޫ ކައުންސިލާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ގުޅިގެން ފުޓުބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ގޮތުން 12 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޯހުގައި 23 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
މި ކޯހުގައި ކިޔަވައިދެއްވީ އެފްއޭއެމްގެ ތަޖުރިބާކާރު ރެފްރީން ކަމުގައިވާ މުހައްމަދު ޝާޒްލީ އާއި އަލީ ނިޝްތާރު މުހައްމަދު އެވެ.
އެމްއެންއައިސްއިން ބުނީ މި ކޯސް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ފޮނަދޫ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ.
ދާދިފަހުން އެމްއެންއައިއެސް އިން ވަނީ, ޅ.ނައިފަރު އަދި ކ.ކާށިދޫގައިވެސް މި ކޯސް ހިންގާފައެވެ. އެގޮތުން އެ ދެކޯހުގައި ޖުމްލަ 38 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.



