ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން މާލެ ސަރަހައްދުގައި ގައުމީ ފެންވަރުގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރަން ނިންމައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި އެ މުއައްސަސާއާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން 1446ވަނަ އަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް، ”ޢީދުހަވީރު 1446″، ގައުމީ ފެންވަރުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާ އެކު އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ އެ މަނިކުފާނު ޚާއްޞަ އަހަންމިއްޔަތެއް ދެއްވާ ކަމެއް ކަމަށް އެމްއެމްޑީއެފުން ބުނެފައި ވެއެވެ.
އެމްްއެންޑީއެފުން ބުނީ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ”ޢީދުހަވީރު 1446″ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
”މި ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ކުރިއަށްގެންދަން ވަނީ ހަމަޖެހިފައި“ އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ތިން ދުވަހު، ”ޢީދުހަވީރު 1446″ގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ބުނީ ސަރުކާރު މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު އެ މުއައްސަސާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ.
އެ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެންނެވެ.
”މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައި، ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައި“ އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
ސަރުކާރު މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެންނެވެ.
ޢީދުހަވީރުގައި، ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފައެވެ.
”ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ވަނީ ހަމަޖެހިފައި“ އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.




