އިސްލާމީ އިމުން ބޭރުނުވާނެހެން އަޟްހާ އީދު ފާހަގަކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކަށް އިލްތިމާސް ކޮށްފިއެވެ.
އެލްޖީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ އެ އޮތޯރިޓީން ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.
އެލްޖީއޭ އިން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަގާފަތާއި އާދަކާދަ ދިރުވައި އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުން ކަމަށެވެ.
އެގޮތުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކުގެ ވެސް ގާނޫނީ ޒިންމާއެއްކަން ހަނދާންކޮށްދީ އެ އޮތޯރިޓީން ވަނީ އީދު ފާހަގަކުރުމަށް އިންތިޒާމް ކުރާ އެންމެހާ ހަރަކާތްތަކަކީ އިސްލާދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރަން އެދިފައެވެ.
ކައުންސިލްތަކުން ފާހަގަކުރާ ދުވަސްތަކުގެތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ދުވަސް ކަމަށާއި އީދަކީ ދީނީގޮތުން އިސްލާމީ އުންމަތުގައިވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ މުނާސަބަތެއް ކަމަށް އެލްޖީއޭގެ ސާކިއުލާގައި ވަނީ ބުނެފައެވެ.
އެހެންކަމުން އީދުގެ ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމް ކުރުމަށް އެލްޖީއޭ އިން ވަނީ އެދިފައެވެ.


