ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން މިއަހަރުގެ އަޟްހާ ޢީދުގައި ވެސް ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލޭގައި ބޭއްވުމަށް ރާވައިފިއެވެ.
އެޗްޑީސީން މިއަދު އާންމު ކުރިގޮތުގައި އެ ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން އަޟްހާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ.
އެގޮތުން މިރޭ ހުޅުމާލޭ ފޭސް 1 ގެ ރުއްގަނޑު ސަރަހައްދުގައާއި ހުޅުމާލެ ފޭސް 2 ގެ ޗެނަލް ބީޗުގައި އަޟްހާ ޢީދަށް ވެދުމާ ދިޔުމާއި، ޢީދު ހުޅު ރޯކުރުމުގެ އިތުރުން ބޮޑުބެރު ޖެހުމަށް ހަމަޖެހިފައިވެއެވެ.

މާދަމާ (އަޟްހާ ޢީދު ދުވަހު) ޢީދު ނަމާދަށްފަހު ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި، އުލްހިޔާ ކަތިލުމާއި ޢީދު ބޮނޑިބަތް ބެހުމަށް ވެސް އެޗްޑީސީން ވަނީ އިންތިޒާމު ކޮށްފައެވެ.
މީގެއިތުރުން މާދަމާ ހަވީރު 4:00 އިން 5:30 އަށް ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ވޯޓަރ ސްޕޯޓްސް އިވެންޓެއް ވެސް އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ.
އަޟްހާ ޢީދުގެ މުނާސަބަތުގައި މާދަމާއިން ފެށިގެން އަންނަ އާދީއްތަ ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކު އަދި ހިޔާ ޕާކުގައި ކުޑަކުދިންގެ ހަވީރެއް ވެސް އެޗްޑީސީގެ ފަރާތުން އޮންނާނެއެވެ.



