ރ. އަތޮޅުގައި ގައި އާރްޓީއެލް ފެރީގެ ޚިދުމަތް މި މަހު ފަށަން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިކަމުގެ މަޢުލޫމާތު ޙިއްޞާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އަދި އެމްޓީސީސީގެ މުވައްޒަފުން ވަނީ އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައި ކަމަށެވެ.
އެގޮތުން އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ރ. އަތޮޅުގެ ރަށްރަށުގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
މިކަމާބެހޭ ގޮތުން ވާހަކަދައްކަމުން ރ. ދުވާފަރުގެ ރައްޔިތަކު ބުނީ މި ފެރީގެ ޚިދުމަތަކީ ރ. އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެއް ކަމަށެވެ.
”މިހާރު އަޅުގަނޑުމެން އަތޮޅު ތެރޭގައި ދަތުރުކުރަން ޖެހެނީ ވަރަށް އުނދަގޫކޮށް. ބައެއް ފަހަރު ލޯންޗު ހޯދަން ވެސް ވަރަށް އުނދަގޫވޭ. ފެރީ ޚިދުމަތް ފެށުމުން މި ދަތިތައް ޙައްލުވެގެންދާނެ ކަމަށް އުންމީދުކުރަން“ އޭނާ ބުނެފައި ވެއެވެ.
އާރްޓީއެލް މަޝްރޫޢުގެ ދަށުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޤަވާޢިދުން ފެރީ ދަތުރުތައް ކުރެވޭނެ ގޮތަށް ތާވަލެއް އެކުލަވާލެވޭނެއެވެ.



