ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް، ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކާއި ފަހިކޮށްދެއްވާ ފަސޭހަތަކަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރައްވައިފިއެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ ރައީސްގެ ރަސްމީ އެކްސް އެކައުންޓުން، ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސަޢޫދީ ޢަރަބިއްޔާގެ މި އޯގާތެރިކަން އެ މަނިކުފާނު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައެވެ.
އަދި އެއީ ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގައި ރައީސްގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާ، މި އިޙްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުމަށް ރައީސްގެ ޕޯސްޓުގައި އެދިވަޑައިގެންފައިވެއެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ޤައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، ޢިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވަނީ އެދިވަޑައިގެންފައެވެ.



