ހައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން މުވައްޒަފުން 24 ގަޑިއިރު ދަނީ މަސައްކަތްކުރަމުން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިކަން ހާމަކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝަކީލްގެ ޕޯސްޓުގައި ވިދާޅުވީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ހައްޖުވެރިން މައްކާއިން މިނާއަށް ދަތުރު ފެށި ދުވަހުން ފެށިގެން ހައްޖުވެރިން ލޮކޭޓްކޮށް ހައްޖުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހެޑް އޮފީސް މުވައްޒަފުން 24 ގަޑިއިރު ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

”އެއްވެސް ހާޖީއެއް ކަނޑައެޅިފައިވާ ސަރަހައްދުން ބޭރަށް ނުކުމެއްޖެ ނަމަ އެ ހައްޖުވެރިއަކަށް މާލެ ހެޑް އޮފީހުން ގުޅައި ހައްޖުވެރިންގެ ހާލު ބަލައި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރަމުން ދާނެ“ ޝަކީލް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޝަކީލް ވިދާޅުވީ އެހީތެރިކަން ބޭނުންވާ ހާޖީންނަށް ސައުދީއަރަބިއްޔާގައި ތިބި އެހީތެރިން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން 1000 ޙައްޖާޖީން ދަތުރުކުރިއެވެ.



