ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”އެކަކު އަނެކަކަށް އެހީތެރިވުން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މާތް الله އިންސާނުން ހައްދަވައިފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެއި އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ.
އެހެންކަމުން ކޮންމެ އިންސާނަކީވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަދި އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށާއި މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”މީސްތަކުންނަކީ، ފޭރާމެއްގެ ރޮދިތަކެއް ފަދައިން، ވަރަށް ގިނަ ގޮތްގޮތުން، އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެއް، ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ ”މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަޙުމްކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި އެ ހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅައިފި ނަމަ، މުޅި ހަށިގަނޑު ހޭލާހުރުމުންނާއި ހުންއައުމުން އެ ގުނަވަނާއި ބައިވެރިވޭ“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އަހަރެމެންގެ ތެރޭގައި އުޅެމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، ތެލަސީމިޔާ ކުދިންނާއި، ޔަތީމުކުދިންނާއި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.
އެގޮތުން އެ ކުދީންނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށާއި އެ ކުދީންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”ޙާލުގެ ދުލުން މިއަދު އެ ކުދީން ގޮވަމުން އެދަނީ، އަހަރެމެންގެ އެހީތެރިކަމަށް، އެ ކުދީންގެ މައިންބަފައިންނާއި ބެލެނިވެރީން އިންތިޒާރު ކުރަމުން ދަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތަކަށްް، އެ ކުދީން އާދޭސްކުރަމުން އެ ދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށް،ނުވަތަ އަހަރެމެން ޞަދަޤާތް ކުރާ ފައިސާ ފޮއްޗަކަށް“ ހުތުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ އެ ކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމަޢުގެ އެއްބައި ކަމަށާއި އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާނެ ކަމަށެވެ.



