ރާއްޖޭގެ މެރިކަލްޗަރ ސިނާޢަތަށް ބޭރުގެ ފަރާތްތައް އިންވެސްޓުކުރާނެ މާހައުލެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޝިޔާމް ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި މެރިކަލްޗާއަށް އިންވެސްޓްކުރެވޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި އަންނަ މަހު ފަހުކޮޅު އެ ފުރުސަތު ހުޅުވާލައި ބޭރުގެ އިންވެސްޓަރުންނަށް 3 މަސް ދުވަސް އެ ފުރުސަތު ޚާއްސަކޮށްފައި ބަލާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ އެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓްތައް ވަނީ ތައްޔާރުކުރެވިފައި“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެ ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް ބޭރުގެ ރަނގަޅު އިންވެސްޓްމަންޓްތައް ލިބޭތޯ ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މެރިކަލްޗަރ ކުރުމަށް ބޭރުގެ އިންވެސްޓަރުން ބޭނުންވާ ވަކި ސަރަހައްދުތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އިންވެސްޓަރުންނަށް ދީފައިވާ ލުއިތަކުގެ ތެރޭގައި އިކުއިޒިޝަން ކޯސްޓް ނުނެގުމާއި 3 އަހަރުދުވަހުގެ ލޭންޑް ރެންޓް ނުނަގާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުުރުން ރާއްޖޭގެ މެރިކަލްޗަރއަކީ މި ސަރުކާރުން ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރަން ބޭނުންވާ ސިނާޢަތެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



