މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބޭންޑުގެ ހާއްސަ ހަރަކާތެއް މިރޭ ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެމްއެންޑީއެފުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ މި ހަރަކާތް އޮންނާނީ މިރޭ 21:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ކަމަށެވެ.
ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން ހިއްސާކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފް އިން މި މަހުގެ 4 ވަަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި އެ މުއައްސަސާއާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން 1446ވަނަ އަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް، ”ޢީދުހަވީރު 1446″، ގައުމީ ފެންވަރުގައި ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރު މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު އެ މުއައްސަސާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށް މީގެ ކުރިން ނެރުނު ބަޔާނުގައި އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



