ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ކްރައިމް ސެންޓަރަށް ސެކިއުރިޓީ އެނަލިސްޓުން ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
އެ މަޤާމަށް ހޯދަން އިއުލާނުކޮށްފައި ވަނީ 4 ފަރާތެވެ.
ފުލުހުންގެ އިދާާރާއިން ކުރި އިއުލާނުގައި ބުނީ މި ވަޒީފާއަށް މީހުން ނަގާނީ ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމުން ކަމަށެވެ.
އަދި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭ ފަދަ ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއެކު މީލާދީ ގޮތުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާޞިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ.
ނޫންނަމަ ކޮންޕިއުޓަރ ސައިންސް، އިންފޮމޭޝަން ސެކިއުރިޓީ ނުވަތަ ގުޅުންހުރި ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 5 ނުވަތަ 6ގެެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހޭނެ ކަމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
އަދި އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން ސަލާމަތްވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްވެގެން ނުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަގާމަށް ހޮވޭ ފަރާތްތަކަށް 7,000 ރުފިޔާގެ އަސާސީ މުސާރައިގެ އިތުރުން އެކި އެލަވަންސްތަކާއެކު ޖުމްލަ 22,200 ރުފިޔާ މަހަކު ލިބޭނެއެވެ. މީގެ ތެރޭގައި ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، އިތުރުގަޑީގެ ފައިސާ، ޕްރޮފެޝަނަލް އެލަވަންސް އަދި ފުޑް އެލަވަންސާއި ބޭސްފަރުވާގެ އެލަވަންސް ހިމެނެއެވެ.
މި މަޤާމުގެ މައްސޫލިއްޔަތުގެ ތެރޭގައި ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމަންޓް ސިސްޓަމްސްތަކާއި، އިންޓްރޫޝަން ޑިޓެކްޝަން ސިސްޓަމް، އަދި އިންޓްރޫޝަން ޕްރިވެންޝަން ސިސްޓަމްތައް ފަދަ އެކި ވަސީލަތްތަކުން ލިބޭ ސެކިއުރިޓީ އިންޒާރުތައް މެދުނުކެނޑި މޮނިޓަރކުރުމާއި ހާދިސާތަކަށް އިޖާބަދޭ ފަރާތްތަކަށް އަންގައި، މޮނިޓަރ ކުރެވުނު ހުރިހާ އިންޒާރުތަކާއި އެޅުނު ފިޔަވަޅުތަކުގެ ސައްޙަ އަދި ތަފްސީލް ރެކޯޑްތައް ބެލަހައްޓަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
މި މަޤާމަށް ފޯމު ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2025 ޖޫން 16 ވަނަ ދުވަހުގެ 16:00 ގެ ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނުގައި ވަނީ އެދިފައެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.



