ޣައްޒާއަށް އެހީވުމުގެ ގޮތުން ކާބޯތަކެއްޗާއި އެހީގެ އެކިއެކި ސާމާނު ހިފައިގެންދިޔަ ފްރީޑަމް ފްލޯޓިލާ ކޯލިޝަންގެ ”މެދްލީން“ މަނަވަރު، އިޒްރޭލު ސިފައިން ހުއްޓުވައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެ މަނަވަރާއި އޭގައި ތިބި ކްރޫމެންބަރުން މިހާރު ވަނީ އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އިޒްރޭލަށް ގެންގޮސްފައެވެ.
މެދްލީން މަނަވަރު އިޒްރޭލުން ހުއްޓުވާފައިވަނީ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ކަނޑުމަގުން ދަނިކޮށެވެ. އެއިރު އެ މަނަވަރު ވަނީ ޣައްޒާއާ 100 މީޓަރަށް ކައިރިވެފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދިޔަ މި މަނަވަރު އިޒްރޭލުން ހުއްޓުވި ސަބަބެއް ޔަހޫދީ ސިފައިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ހަނގުރާމަ ހުއްޓާލަން މިއަހަރުގެ ޖެނުއަރީ މަހު އެއްބަސްވުމަށްފަހު، އިޒްރޭލުން ވަނީ މާރޗް މަހުގެ 2 ވަނަ ދުވަހު އެ އެއްބަސްވުމާ ހިލާފުވެ އަނެއްކާވެސް ޣައްޒާއަށް ހަަމަލާތައް ދޭން ފަށާފައެވެ. އަދި އެއާއެކު ޔަހޫދީ އިޒްރޭލުން ވަނީ ޣައްޒާއަަށް ކާބޯތަކެއްޗާއި ޒަރޫރީ އެހެން ސާމާނު ވެސް ލިބުން ހުއްޓުވާ، ހުރިހާ މަގުތަކެއް ބަންދު ކޮށްފައެވެ. އިންސާނިއްޔަތާއި އަދި ހަނގުރާމަތަކުގެ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފަށް ދެމުން އަންނަ މި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދުޖިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލައި ގޮވާލުންތަކަށް އިޒްރޭލުން ދެމުން އަންނަނީ ބީރު ކަންފަތެކެވެ.



