އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ފަށައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު އެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ވެދާ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އަދި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
”ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއް“ ހުސައިން ވަހީދު ވިދާޅުވިއެވެ.
މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ ވެދަރ ރޭޑަރތައް ބެހެއްޓުމުން ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް މިކަމުން ލިބިގެންދާނެ ކަމަށެވެ.
”މޫސުމަކީ ހުރިހާ އެންމެނަށްވެސް މުހިންމު އެއްޗެއް، އާންމު ރައްޔިތުންގެ ދިިރިއުޅުމާ ވަރަށް ބޮޑު ގުޅުމެއް ވާކަންތައްތަކެއް“ ހުސައިން ވަހީދު ވިދާޅުވިއެވެ.
ޑޮޕްލަރ ވެދަރ ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިނާއި، ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިނާާއި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާކުރެވޭ ވަގުތާއި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތުވެސް ދެނެގަނެވޭނެއެވެ.



