ކުޅުދުއްފުށީ ރީޖަނަަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްސަ ކޭމްޕެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލާއި ކުޅުއްދުފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އޮޕްރޭޝަން ޑޮކްޓަރުންގެ ހާއްސަ ކޭމްޕެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ކޭމްޕު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ޖޫން 12 އިން 14 ޖޫންގެ ނިޔަލަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ކޭމްޕުގައި ކާފާލައިގެންނާއި ލޯވަޅުއަޅައިގެން އޮޕްރޭޝަން ކުރުމާއި ފަސޭހަނުވެ ގިނަ ދުވަސްވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދިނުމާއި ޕްލާސްޓިކް ސާރޖަރީގެ ހިދުމަތްތައް ދޭނެއެވެ.
އަދި ކެންސަރުބަލީގެ އޮޕަރޭޝަނުގެ ހާއްސަ ހިދުމަތާއި، ބަރުދަން ލުއިކުރުމާއި ގޮހޮރުގެ ބަލިތަކުގެ އޮޕަރޭޝަންތަކުގެ ޑޮކްޓަރުންގެ ހިދުމަތާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ހިދުމާތާއި ނާރުގެ ބަލިތަކުގެ އޮޕަރޭޝަން ޑޮކްޓަރުންގެ ހިދުމަތާއި ނުފިލާހުންނަ ތަދުތަކަށް ފަރުވާ ދިނުމުގެ އިތުރުން ޑޮކްޓަރުން އޯޕީޑީގައި ބަލި މީހުން ބެއްލެވުމުގެ ހިދުމަތްތައްވެސް ލިބިގެންދާނެއެވެ.
މި ކޭމްޕުން ދޭ ހިދުމަތްތައް ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން ކުޅުދުއްފުށި ހޮސްޕިޓަލުގެ ނަންބަރު 6528864އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.




