މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި، ވަކިވަކި ޙައްޖާޖީންނާ ބައްދަލު ކުރައްވައި، ޙާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު، ރައީސް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ޚިޔާލުބަދަލުކުރައްވާފައެވެ.
އަދި ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށާއި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ރައީސް ވަނީ ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސަޢޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މި ފުރުޞަތުގައިވެސް ރައީސް ވަނީ ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކުރެއްވުމަށް ސަޢޫދީ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ހަމައެހެންމެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާއެކު ޙައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަކުރައްވައި، ދިވެހި ޙައްޖާޖީންނަށް ދެއްވި ޚާއްޞަ މެހުމާންދާރީއަށާއި، އިންތިޒާމުތަކުގެ ފުރިހަމަކަމަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި, ފޮރިން މިނިސްޓަރު ޑރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި, ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނެވެ.
އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ވެސް ވަނީ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައެވެ.
ރައީސްގެ ދެކަނބަލުންނާއި، ރާއްޖޭގެ ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބެވީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.



