ފާއިތުވި 24 ގަޑިއިރުގެ ތެރޭ އެކަނިވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނަށް ދެމުން އަންނަ ހަަމަލާތަކުގައި ޣައްޒާގެ 47 މީހަކު ޝަހީދުކޮށްލައިފިއެވެ.
ފަަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވެފައިވާ 47 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ.
އަދި އިސްރާއީލުން ފަލަސްތީނަށް މިދިޔަ 24 ގަޑިއިރުގެތެރޭގައި ދިން ހަމަލާތަކުގައި 388 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުގެ 54،927 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް އެ މިނިސްޓްރީން ހޯމަ ދުވަހު ބުނެފައިވެއެވެ.
ހަމައެހެންމެ އިސްރާއީލުން ފަަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޒަޚަމްވި މީހުންގެ ޖުމުލަ އަދަދު ވަނީ 126،615 އަށް އަރާފައި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
އިސްރާއީލުން 2023 ވަނަ އަހަރު ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ފެށިފަހުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެ މި އަހަރުގެ ޖެނުއަރީ މަހު އެކުލަވާލި އެއްބަސްވުން ވަނީ މުގުރާލާފައެވެ.
މިގޮތުން މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު އިސްރާއީލު ސިފައިން ޣައްޒާއަށް ހަމަލާތައް އަލުން ފެށިފަހުން ވަނީ 4،649 މީހުން ޝަހީދުކޮށްލައި 14،574 މީހުން ޒަހަމްކޮށްލާފައެވެ.


