ހައްޖުގެ އަޅުކަން ނިމިގެން ހައްޖުވެރިން އެނބުރި މާލެ އަންނައިރު އެމީހުން ބަލައި އެއާޕޯޓަށް ދާއިރު ކުޑަކުދިން ނުގެންދަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭ އިން މިގޮތަށް އިލްތިމާސްކުރައްވާފައި ވަނީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު އާއި ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒުއެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އިބްރާހިމް އިޔާޒް ވަނީ ހައްޖުން މީހުން އަންނައިރު ގިނަ އަދަދެއްގެ ކުޑަކުދިން އެއާޕޯޓުން ފެންނަކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ހައްޖުވެރިން އެނބުރި މާލެ އަންނަ ދުވަސްވަރަކީ ރޯގާތައް އެންމެ ބޮޑަށް ފެތުރޭ ދުވަސްވަރު ކަމަށްވާތީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން، އެއާޕޯޓް ފަދަ މީހުން ގިނަ ތަންތަނަށް ދިއުން ރައްކާތެރިނޫން ކަމަށްވެސް ޑރ. އިބްރާހިމް އިޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވަނީީ ހައްޖުން މީހުން އައުމުން އެ މީހުނާއެކު އެ ބާއްވާ އެއްވުންތަކާއި ހަފުލާތައް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ބޭއްވުން މަދުކޮށްލަން އިލްތިމާސްކުރައްވާފައެވެ.
”ހައްޖުވެރިން މިކޮޅަށް ވަޑައިގަންވާއިރު ހުމެއް ރޯގާއެއް ނެތް ނަމަވެސް 14 ދުވަސްތެރޭގައި އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އަވަހަށް ހޮސްޕިޓަލަށް ގޮސް ދައްކަން ވާނެ“ ހަމްޒަތު ވިދާޅުވި އެވެ.
އަދި ހައްޖުވެރިން ހައްޖުން އަންނައިރު ރޯގާ ޖެހި ބަލިވެފައިވާނަމަ، މާސްކު އަޅައިގެން އުޅުމަށް ހަަމްޒަތު ވަނީ އެދިވަޑައިގެންފަ އެވެ.




