ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އޭޝިއަން މޭޔަރސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރު، އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރު، މުޙައްމަދު އަރީޝް ފުރާވަޑައިގެންފިއެވެ.
އެ ފޯރަމް ކުރިއަށްގެންދާނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ބޭއްވުމަށް ޖޫން މަހުގެ 11 އިން 13 އަށެވެ.
މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން، މާލެ ސިޓީ ކައުންސިލްގެ މީޑިއާއަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން، މޭޔަރު ޢާޒިމް ވިދާޅުވީ، މި ފުރުސަތަކީ އޭޝިއާގެ އެކި ސަރަހައްދުތަކުގެ ސީޓީތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، އެ ކަންކަމާއި ކުރިމަތިލުމަށް ކުރާ މަސައްކަތްތައް ދަސްކުރުމަށާއި، އެ މަސައްކަތްތައް ޙިއްސާ ކުރުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ.
”އަޅުގަނޑުމެންގެ މުޖުތަމަޢު ވަރުގަދަ ކުރުމަށް ބޭނުންތެރި މަޢުލޫމާތުތަކެއް ގެނައުމަށް އުންމީދު ކުރަން“ މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގައި، އޭޝިއާގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ލީޑަރުންނާއެކު، ދެމެހެއްޓެނިވި ތަރައްޤީއާއި، އައު އީޖާދުތަކާއި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަޝްވަރާތައް ކުރައްވާނެއެވެ.
ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމް، މީގެ ކުރިން ވެސް ބާއްވާފައިވާއިރު، މޭޔަރ ޢާޒިމްވަނީ، އެ ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.




