ފުލުހުންނާއި ސިފައިން ގުޅިގެންދޭ ޚިދުމަތްތައް ހަރުދަނާ ކުރަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މަޝްވަރާ ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒުގައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ބައްދަލުވުމަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސްއަށް ތައާރަފު ވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް ކަމަށެެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ހާއްސަކޮށް، ފުލުހުންނާއި ސިފައިން ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، އެ ބައްދަލުވުމުގައި ވަނީ މުޅި ގައުމުގެ މަސްލަހަތާއި ސުލްހަ މަސަލަސްކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމަށާއި، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުންމަތީ ދެމިތިބެ، މި މަގުން ގުޅިގެން އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



