އައްޑޫ ސިޓީ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓްރީއާ ހިއްސާކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ އައްޑޫ ސިޓީ މީދޫގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އައްޑު މީދޫ ދާއިރާގެ ކައުންސިލް މެމްބަރު ފިޝަރީޒް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ ކައުންސިލް މެމްބަރުންނާއި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި، އައްޑޫ މީދޫގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ކައުންސިލް މެމްބަރު އާމިނަތު ސާލިހާ ވަނީ ހިއްސާކުރައްވާފަ އެވެ.
އެގޮތުން އައްޑޫ މީދޫ ސަރަޙައްދުގައި ކަނޑައިގެން ގޮސްފައިވާ ވަދު ކަނދުފަތި އަދި ދޮށީގެ ކަނދުފަތީގެ މައްސަލަ ޙައްލުކޮށްދިނުމަށް އައިމިނަތު ސާލިހާ ވަނީ އެދިވަޑައިގެންފަ އެވެ.
އަދި ހުޅުމީދޫ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އެ ސަރަހައްދުގައި މަސްވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އައްޑޫ މީދޫ ދާއިރާގެ ކައުންސިލް މެމްބަރު އައިމިނަތު ސާލިހާ އެދިވަޑައިގެންނެވިގޮތަށް އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.



