ހއ. ހޯރަފުށީގައި ހަދަމުން އަންނަ ބޮޓްލިންގް ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން ރޭގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އެހީއާ އެކު އެ ކުންފުންޏާއި ހޯރަފުށީ ކައުންސިލާ ދެމެދުގައި 2019 ވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ހަދަން ފަށާފައިވާ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓައިލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން އެ މަޝްރޫއު ހިނގާފައިވާ ގޮތަށް ބަލާއިރު، 2019 ވަނަ އަހަރު އެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވި ނަމަވެސް، އެ މަސައްކަތަށް ކަނޑައެޅި 20،000 އަކަފޫޓާއި 30،000 އަކަފޫޓާ ދެމެދުގެ ބިމުގައި ވަށައިގެން އިންފާރެއް ރޭނުން ފިޔަވާ އެއްވެސް މަސައްކަތެއް ދެ އަހަރު ދުވަސް ވަންދެން ކޮށްފައި ނުވާ ކަމަށް ފެނަކަ އިން ބުނެފައިވެއެވެ.
މީގެއިތުރުން ފެނަކަ އިން ބުނީ އެ މަޝްރޫއުއަށް އެ ކުންފުނިން 30 މިލިއަނެއްހާ ރުފިޔާ މިހާތަނަށް ހޭދަކޮށްފައި ވިޔަސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ނިމިފައި އޮތީ މަޝްރުއޫގެ 70 ޕަސެންޓް މަސައްކަތް ކަމަށެވެ. އެ މަޝްރޫއަށް ޖުމްލަ 36.7 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އެއީ އިންޑިއާ ސަރުކާރުން ދިން 9 މިލިއަން ރުފިޔާގެ އެހީ އާއި ކައުންސިލުން ހިއްސާކޮށްފައިވާ 2.4 މިލިއަން ރުފިޔާ އަދި ފެނަކައިން ހަރަދުކޮށްފައިވާ 34.3 މިލިއަން ރުފިޔާ ހިމަނައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކަ އިން ބުނީ ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، މަސައްކަތެއް ނެތިފައި ތިބި މުވައްޒަފުންނަށް މުސާރަ ދެމުން ގެންދިއުމަކީ މި ވަގުތު ކުރެވެން އޮތް ކަމަކަށް ނުވާތީ އެ މުވައްޒަފުން ވަކިކުރި ނަމަވެސް، އެ ޕްލާންޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.


