މ. ކޮޅުފުށީގައި ކުރިއަށް ގެންދިޔަ 100 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފުރިހަމަކޮށް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 100 އިންސައްތަ ނިމި، ރަށުގެ ރައްޔިތުންނަށް ބޭނުންކުރެވޭ ފެންވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
މި ހައުސިން ޔުނިޓްތަކަކީ އަމިއްލަ މީހުންގެ ބިމުގައި އަޅައިދީފައިވާ 1200 އަކަފޫޓުގެ ގެތަކެކެވެ. ކޮންމެ ރޯހައުސްއެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓީންރޫމް، ބަދިގެއާއި ލޯންޑްރީއާއި ސްޓޯ ރޫމް ހުރެއެވެ.
މި މަޝްރޫޢަކީ 121،612،127.97 ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދެވުނު މަޝްރޫޢުއެކެވެ.
ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން އެޅުނު 100 ހައުސިން ޔުނިޓަކީ ރަށުގެ ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.



